
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުވާފަރު ދަތުރުފުޅާ ގުޅިގެން ރ. ދުވާފަރުގައި "އިރުން ހަކަތަ"ގެ ނަމުގައި އިޔާދަކުރަނިވި ހަކަތައިގެ މުހިންމު މަޝްރޫޢެއް އިފްތިތާހުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢު ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއިރު، "އިރުން ހަކަތަ" މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްއީ) އިންނެވެ.
މި މަޝްރޫޢަކީ ދުވާފަރުގެ ކަރަންޓުގެ ބޮޑު ބައެއް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތާއެކު ދުވާފަރުގެ ގޭބީސީތަކަށް އިޔާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓު ބިލް ކުޑަކުރުމަށް މަގުފަހިވާނެއެވެ. މީގެއިތުރުން، ޑީސަލް އަންދާ މިންވަރު މަދުކުރުމާއި ޖައްވަށް ބޭރުކުރާ ދުމުން ތިމާވެށި ރައްކާތެރިކުރުމަށްވެސް މި މަޝްރޫޢު އެހީތެރިވެދޭނެއެވެ.
މި މަޝްރޫޢު އިފްތިތާހުކުރުމާއެކު ދުވާފަރުގެ ގޭބީސީތަކުގައި ސޯލާ ޕެނަލް ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މި ފުރުސަތަށް އެދި ހުށަހަޅާ "އިރުން ހަކަތަ" ޕޯޓަލްވެސް ވަނީ ރަސްމިއްޔާތުގައި އިފްތިތާހުކޮށްފައެވެ.
ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވަޢުދުތަކުގެ ތެރެއިން މި މަޝްރޫޢަކީ ވަރަށް މުހިންމު މަޝްރޫޢެއްކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.