navLogo

ރ. ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައި، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ރ. ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައި، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި
ރައީސް އޮފީސް
މަރިޔަމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށު ޞިއްޙީ މަރުކަޒުގެ އިތުރަށް ތަރައްގީކުރެވިފައިވާ އައު އިމާރާތް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މަސައްކަތަކީ މި ސަރުކާރުން ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު ފިޔަވަޅެކެވެ.

ރައީސް މުއިއްޒު ވަނީ ދުވާފަރު ޞިއްޙީ މަރުކަޒު ހުޅުވުމަށްފަހު، އެތަނުގައި ތައާރަފުކުރެވުނު އައު ޚިދުމަތްތައް ބައްލަވާލައްވާފައެވެ. މިގޮތުން ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ލިބޭނެ ޒަމާނީ އިމަޖެންސީ ރޫމަކާއި، ދަތުގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް، އެކްސްރޭގެ ޚިދުމަތް އަދި އަލްޓްރާ ސައުންޑުގެ ޚިދުމަތް ވަނީ މުޅިން އަލަށް ތައާރަފުކުރެވިފައެވެ. މި ޚިދުމަތްތަކުގެ ސަބަބުން ދުވާފަރުގެ ރައްޔިތުންނަށް ދިމާވާ ސިއްޙީ ކަންކަމުގައި ފަސޭހައިން އަދި އަވަހަށް ފަރުވާ ލިބިގެންދާނެއެވެ.

މި މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ ތިއޭޓާ ކޮމްޕްލެކްސްގެ ބިންގާވެސް މިއަދު ވަނީ އަޅާފައެވެ. މި ބިންގާ އަޅުއްވައިދެއްވީ ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީއާއި ދުވާފަރު ކައުންސިލުގެ ރައީސް ހަސަން ހަކީމު ބައިވެރިވެވަޑައިގެންނެވިއެވެ. (ވަގުތު އިމޭޖަސް: އަހުމަދު އަޝްހަދު)

ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މި މަޝްރޫއު ހަވާލުކުރެވިފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ އަގަކީ 25.5 މިލިއަން ރުފިޔާއެވެ. އެ ކުންފުންޏާ ހަވާލު ކުރެވުނު މި މަޝްރޫއު ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސް އަކާއި، އައިސީޔޫ، ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯ ރޫމްސް ގާއިމް ކުރުން ހިމެނެއެވެ. (ވަގުތު އިމޭޖަސް: އަހުމަދު އަޝްހަދު) މި މަސައްކަތްތައް ނިމުމުން ދުވާފަރުގެ ރައްޔިތުންނަށް، ރަށުން ބޭރަށް ދާންނުޖެހި، ރަށުން ހޮސްޕިޓަލް ފެންވަރުގެ ޒަމާނީ ސިއްޙީ ޚިދުމަތްތައް ލިބިގެންދާނެއެވެ.

Rate this article

Leave a Comment

Comments (0)